މިއަހަރުގެ މިހާތަނަށް އައިއިރު މިއަދަކީ އިންޑިއާއިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވި ދުވަސް ކަމަށް އެގައުމުގެ ރަސްމީ އިދާރާތަކުން ބުނެފިއެވެ.
މިއަދު އިންޑިއާއިންވަނީ 26،291 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. މިއަދު ޕޮޒިޓިވުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ޕޮޒިޓިވުވެފައިވަނީ މަހާރަސްތުރަ ސްޓޭޓުންނެވެ.
މަހާރަސްތުރަ ސްޓޭޓަކުން އިންޑިއާއިން ކޮވިޑް-19 ފެނުނީންސުރެ މިއަދާއި ހަމައަށް ކޮވިޑް-19ގެ ހޮޓްސުޕޮޓެކެވެ. މިގޮތުން އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވުވެފައިވަނީ މި ސްޓޭޓުންކަން ފާހަގަ ކޮށްލެވެއެވެ.
2021 ވަނަ އަހަރު ފެށިގެން އައީ އިންޑިއާގައި ކޮވިޑް-19ގެ ކޭސްލޯޑް ދައްކޮށެވެ. ނަމަވެސް މިހާރު އިންޑިއާގެ ގިން ސްޓޭޓްތަކެއްގައި ކޮވިޑް-19ގެ ކޭސްތައްވަނީ އިތުރުވާން ފަށައިފައެވެ. ކަމާބެހޭ ފަރާތްތަކުން ދެކޭގޮތުގައި އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފަށައިފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ބޯނުލެބުމުގެ ސަބަބުންނެވެ.
އިންޑިއާއިން މިހާތަނަށްވަނީ 11 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި އިންޑިއާއިން މިހާތަނަށްވަނީ 158,000 މީހުން މަރުވެފައެވެ.



