އެމެރިކާގެ ޖޯޖިއާ ސްޓޭޓުގެ ސްޕާތަކަކަށް ބަޑިން ހަމަލާދީ އަށްމީހުން މަރާލައިފިއެވެ.
ފުލުހުން ވިދާޅުވީ ބަޑިޖެހުމުގެ ހާދިސާ ހިނގައިފައިވަނީ އެކްވޯތްގެ މަސާޖު ޕާލާއެއްގެ އިތުރުން އަޓްލަންޓާ ސިޓީގެ ދެ ސްޕާގައި ކަމަށެވެ.
މި ބަޑީގެ ހަމަލާތަކާއި ގުޅިގެން މަރުވި ގިނަ މީހުންނަކީ އޭޝިއާގެ ނަސްލަށް ނިސްބަތްވާ މީހުންކަމަށް މައުލޫމާތު ލިބެއެވެ. މިހާތަނަށް އައިއިރު ދެކުނު ކޮރެއާއިންވަނީ މިހާދިސާގައި އެގައުމުގެ ހަތަރުމީހުން މަރުވެފައިވާކަން ޔަގީން ކޮށްދީފައެވެ.
އޮފިޝަލުން މައުލޫމާތު ދޭގޮތުގައި މި ހަމަލާތައް ދިންކަމުގެ ތުހުމަތުގައި މިހާރުވަނީ 21 އަހަރުގެ ފިރެހެނަކު ހައްޔަރުކޮށްފައެވެ.
ހަމަލާދިން ސަބަބެއް އަދި ދެނެގަނެވިފައި ނުވާއިރު ތުހުމަތު ކުރެވެނީ މި ހަމަލާތަކަކީ އޭޝިއާ ނަސްލުގެ މީހުންނަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.
ފާއިތުވެދިޔަ މަސްތަކުގައި އެމެރިކާގައި އޭޝިއަން-އެމެރިކަން މީހުންނަށް އަމާޒުކޮށް ދެވޭ އެކިއެކި ހަމަލާތައްވަނީ އިތުރުވެފައެވެ. ބޮޑަށް މި ހަމަލާތައް އަމާޒުވެފައިވަނީ އެމީހުންގެ ފަރާތުން ކޮވިޑް-19 ފެތުރޭކަމަށް ތުހުމަތުކޮށެވެ.




