އިދިކޮޅު ކޯލިޝަނުން ވެރިރަށް މާލޭގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިން ތިން މީހަކު ޙައްޔަރުކޮށްފިއެވެ.
އެ ކޯލިޝަނުން ބުނީ، މިއަދު ކުރިއަށް ގެންދިޔަ އިޙުތިޖާޖުގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ނިމާލުއާއެކު އިތުރު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި މިހާރު ކުރިޔަށް ގެންދާ މުޒާހަރާތަކުގައި މީގެ ކުރިންވެސް ކޯލިޝަންގެ އިސްފަރާތްތައް ވަނީ ހައްޔަރު ކޮށްފައެވެ.
މީގެއިތުރުންވެސް އިދިކޮޅުގެ ގިނަ ފަރާތްތަކެއް ޙައްޔަރުކޮށްފައިވާއިރު، ޕީޕީއެމްގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، މިއަދުގެ މުޒާހަރާ ތެރެއިން ޖުމްލަ 21 މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި، އޭގެތެރެއިން ދެ މީހަކު މިހާރު ދޫކޮށްލާފައިވާކަމަށެވެ.
މުޒާހަރާއަށް ނުކުތް މީހުން އެކި ހިސާބުތަކުން މީހުން ޙައްޔަރުކޮށްފައިވާއިރު، ޙައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންއަށް ނިސްބަތްނުވާ މީހުންވެސް ހިމެނޭކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ވެރިރަށް މާލޭގައި އިދިކޮޅު ކޯލިޝަނުން "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ސިލްސިލާކޮށް މުޒާހަރާކުރަމުން އަންނައިރު ފްލެޓް ގެއްލުނު މީހުންނަށް ހައްގު ހޯދައި ދިނުމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިިނިވަންކުރަމަށްވެސްވަނީ ގޮވާލާފައެވެ. އެ ކޯލިޝަނުން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހެއްގައި މުޒާހަރާ ކުރަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގައެވެ. މި މުޒާހަރާތަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދު ބަންދުވެސް ކުރެއެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑްގެ ހާލަތަކީ ގޯސް ދުވަސްވަރެއް ކަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ މާލެ ސަރައްދުގައި މަގުމައްޗާއި އާންމު ތަންތަނަށް އެއްފަހަރާ ފަސްމީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައެވެ.




