އެމްޓީސީސީން ހެދިގޮނޑުދޮށުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރޭމްޕް ހަދަނީ

މުޖުތަމަޢުގައި ދިރިއުޅޭ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވިގެން ހެދިގޮނޑުދޮށުގައި ކުރިއަށްދާ ރޭމްޕް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިއަދު ހަވީރު ހެދިގޮނޑުދޮށް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙުމަދު މަޙްލޫފް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޕަރސަންސް ވިތް ޑިސްއެބިލިޓީޒް (އެމް.އޭ.ޕީ.ޑީ) ގެ ޗެއަރޕާރސަން އަޙުމަދު މުޙައްމަދާއި އެޖަމިއްޔާގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ، ހެދިގޮނޑުދޮށުގައި ކުރިއަށްދާ ރޭމްޕް ހެދުމުގެ މަޝްރޫޢަކީ އެމްޓީސީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއްކަމަށާއި، އަދި މިމަޝްރޫޢަކީ ޕްލޭނިންގް މިނިސްޓްރީއާއި، ޔޫތް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި އެމް. އޭ. ޑީ. ޑީ. އާއި ގުޅިގެން މި ކުންފުނިން ކުރިއަށް ގެންދާ މަޝްރޫޢެއްކަމަށެވެ.

އަދި މި މަޝްރޫޢުގެ ދަށުން، 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި ކޭމްޕެއް ހެދުމާއި، ޗޭންޖިންގ ހޮއިސްޓެއް ހެދުމާއި، ޝެޑިންގް ހަޓެއް ހެދުމުގެ މަސައްކަތް ހިމެނޭއިރު، މި މަޝްރޫޢަކީ މި ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.

މީގެއިތުރުން މުޖުތަމަޢުގެ ކަންކަމަށް ޙިއްޞާކުރުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އަޅުގަނޑުމެންގެ ސަޤާފަތުގައި ހިމެނޭކަމެއްކަމަށާއި، މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާ ގާތުން އަޅުގަނޑުމެން މަސައްކަތްކުރާކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.

އަދި ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާއީ ޒިންމާ އަދާކޮށްދީފައިވާނެކަމަށްވެސް އެމްޓީސީސީން ބުނެފައިވާއިރު، އަމާޒަކީ އެކުންފުނިން ކުރިއަށްގެންދިޔަ އެހެނިހެން މަޝްރޫޢުތަކެކޭ އެއްފަދައިން މިއަދު އަމަލީ މަސައްކަތް އިފްތިތާޙް ކުރެވުނު މަޝްރޫޢުވެސް ކާމިޔާބު ކަމާއެކު ނިންމާލައި ސަރުކާރާ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަވާލުކުރުންކަމަށްވެސްވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ