ޖަރުމަންވިލާތުގެ ބައޯއެންޓެކް އާއި އެމެރިކާގެ ފައިޒާ ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިން ރާއްޖެ ގެނެސްފިއެވެ.
ކޮވެކްސް ފެސިލިޓީ އިން ފޮނުވި، ފައިޒާ ވެކްސިންގެ 5850 ޑޯޒް މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ.
ފައިޒާ ވެކްސިން ރާއްޖެ ގެނެސްފައިވާކަން ޔުނިސެފްއިން ވަނީ ހާމަކުރައްވާފައެވެ. މި ވެކްސިން މިއަދު ރާއްޖެ ގެނައިރު ރާއްޖޭގައި މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ވަނީ ރާއްޖޭގެ އެފްޑީއޭ އިން ވަނީ ދީފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކި ޤައުމުތަކުން ވަނީ ތަފާތު ވެކްސިން އުފައްދާފައެވެ. އެގޮތުން ރާއްޖޭގައިވެސް ތަފަތު ޤައުމުތަކުގެ ވެކްސިން ބޭނުން ކޮށްފައިވާއިރު، އެންމެ ފުރަތަމަ ރާއްޖޭގައި ދީފައިވަނީ އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްގެ ދެލައްކަ ޑޯޒް ވަނީ ރާއްޖެއަށް ހަދިޔާ ކުރައްވާފައެވެ.
މިހާރު ރާއްޖޭގައި ދެމުން ދަނީ ޗައިނާގައި އުފައްދާ ސިނޮފާމް ވެކްސިނެވެ. ޗައިނާއިން ވަނީ މި ވެކްސިންގެ ދެ ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކުރައްވާފައެވެ.
ފައިޒާ ވެކްސިން ރާއްޖެ ގެނެސްފައި ވަނީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއިން އުފައްދާފައިވާ ވެކްސިން ގްލޯބަލް އެކްސެސް (ކޮވެކްސް) ފެސިލިޓީ އިންނެވެ. މި ވެކްސިން ރާއްޖެ ގެނެސްފައިވާކަން ހާމަ ކުރައްވައި ޔުނިސެފުން ވިދާޅުވީ ވެކްސިން ސަޕްލައިކޮށް، ލޮޖިސްޓިކްސް އާއި ކޯލްޑް ޗެއިން މެނޭޖްމަންޓުގައި ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް 224،979 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 125،885 މީހަކާއި، އަތޮޅު ތެރެއިން ވެކްސިން ދިން 99،094 މީހުންނެވެ.




