އުދަ އަރާފާނެކަމަށް ލަފާކޮށް އެލާޓް ނެރެފި

މުޅި ރާއްޖެއަށް އުދަ އަރާފާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މުޅި ރާއްޖެއަށް ނެރުނު ވައިޓް އެލާޓްގައި ވިދާޅުވީ، މިރޭ 19:30 އިން ފެށިގެން 23:30 އާ ދެމެދުގެ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އުދަ އެރުމުގެ ފުރުޞަތު އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން އެލާޓް ނެރުނުއިރު އިއްޔެވެސް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޮޑު ދިޔައިގައި އުދަ އަރާފައިވެއެވެ.

އުދަ އަރާފާނެކަމަށް ލަފާކޮށް މެޓް އޮފީހުން އެލާޓް ނެރެފައިވާއިރު އުތުރުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މިރޭ 20:13 ގައެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، މެދުތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނަގޅު ވާނެ ކަމަށްވެސް މެޓު އޮފީހުން ވިދާޅުވިއެވެ.

"ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ.  އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަަށްް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ  ވާނެ ކަމަށާއި، ދެކުނާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ