މިހާރު މުޅި ރާއްޖެއަށް ކުރަމުން އައްނަ ވިއްސާރައިގައި ފުވައްމުލައް ސިޓީގެ 98 ގެޔަކަށް މިއަދު އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މައުލޫމާތު ދީފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އެ ސިޓީއަށް މިއަދުކުރި ވިއްސާރައިގައި 98 ގެއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައި ކަމަށާއި އެގޮތުން ރުއްގަސް ވެއްޓި، ގޭގެއަށް ފެން ވަނުމުގެ ސަބަބުން ބެޑްރޫމްސެޓް، އަލަމާރި، މޭޒު އަދި ހިފާގެންގުޅޭތަކެތި ހަލާކުވެފައިވާކަމަށެވެ.
"29 މާރޗް 2021 ވަނަ ދުވަހު ފުވައްމުލަކަށް ކުރި ވިއްސާރާގައި 98 ގެއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައި. އެގޮތުން ރުއްގަސް ވެއްޓި، ގޭގެއަށް ފެން ވަނުމުގެ ސަބަބުން ބެޑްރޫމްސެޓް، އަލަމާރި، މޭޒު އަދި ހިފާގެންގުޅޭތަކެތި ހަލާކުވެފައިވާކަން ފާހަގަކޮށްލަން" ފުވައްމުލައް ސިޓީ ކައުންސިލުން މިރޭ ބުނެފައި ވެއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އިތުރަށް ވިދާޅުވީ، ގެއްލުން ލިބިފައިވަނީ، ދަޑިމަގު 12 ގެޔަކަށާއި، ދިގުވާނޑު 5 ގެޔަކަށާއި، ހޯދަޑު 9 ގެޔަކަށާއި، މާދަޑު 16 ގެޔަކަށާއި، މިސްކިތްމަގު 26 ގެޔަކަށާއި، މާލެގަން 11 ގެޔަކަށާއި، ފުނާޑު 13 ގެޔަކަށާއި، އަދި ދޫޑިގަން 6 ގެޔަކަށް ކަމަށެވެ. ލިބުނު ގެއްލުންތައް ނޭޝަނަލް ޑިޒާސްޓަރ އޮތޯރިޓީ އަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އެކައުންސިލުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ އެކިހިސާބަށް މިއަދުކުރި މި ވިއްސާރައިގައި ތަފާތު ގިނަ ހާދިސާތައް މާލޭ ސަރަހައްދުގައިވެސް ހިނގައިފައި ވެއެވެ. މިގޮތުން ގަސްތަކާއި ބަޔެއް ގޭގޭގެ ފުރާޅު ވަޔާ އެއްލާލުމުގެ އިތުރުން އޮޑިޔެއްވެސްވަނީ ފެތިފައެވެ.

ރާއްޖެ ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް 48 ގަޑިއިރު ވެސް ގަދަޔަށް ވައި ޖެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށް، މޫސުމަށް ސަމާލުވާން މިއަދު އިލްތިމާސްކޮށްފައިވެއެވެ.



