ނ. ހޮޅުދޫން ދެ ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހޮޅުދޫ ކައުންސިލުގެ ރައީސް މި ނޫހަށް ވިދާޅުވީ، ހޮޅުދޫން މިއަދު ޕޮޒިޓިވްވެފައިވަނީ، މި މަހުގެ 19 ވަނަ ދުވަހު އެރަށަށް އައި ފެލިވަރު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އޭނަގެ ޑައިރެކްޓް ކޮންޓެކްޓް ގޮތުގައި ފާހަގަވި މީހުންގެ ތެރެއިން ޓެސްޓު ކުރި ދެ ކުޑަކުދިންކަމަށެވެ.
މި ކޭސްއާއި ގުޅިގެން ހޮޅުދޫ މިއަދު މޮނީޓަރިން އަށް ލާފައިވާކަން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.
ފެލިވަރުން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ޕޮޒިޓިވްވެފައި ވަނީ، އެރަށު މިފްކޯގެ މަސް ފެކްޓަރީގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އަލާމާތްތަކެއް ހުރެގެން، އެ އަތޮޅު ނައިފަރު ހޮސްޕިޓަލަށް ގޮސް ޓެސްޓުކުރުމުންނެވެ.
މި ކޭސްއާއި ގުޅިގެން ފެލިވަރުން މިހާތަނަށް 71 މީހަކު ޕޮޒިޓިވްވެފައި ވާއިރު، މި ކޭސް އާއި ގުޅިގެން، ނައިފަރުންވެސް ވަނީ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައެވެ. އަދި ނައިފަރުން ހދ. ކުޅުދުއްފުއްށި ހޮސްޕިޓަލަށް ދިޔަ ބަޔަކުވެސް ވަނި ޕޮޒިޓިވްވެފައެވެ.




