ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ކާފިއު އުވާލައިފިއެވެ.
މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފެށިގެން ބޭރަށް ނިކުމެ އުޅުން މަނާކުރީ ފެބުރުއަރީ ދެވަނަ ދުވަހުން ފެށިގެންނެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނެރުއްވި އެންގުމުގައި ވިދާޅުވެފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީ ފަޅާއި، ހުޅުލެގައި މިހާރުން ފެށިގެން، ވަކިގޮތެއް އަން ގާންދެން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަދު އާންމުކުރި އެންގުމުގައި ބުނެފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި ކާފިއު އުވާލުމުގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ވެސް މިއަދު ވަނީ ދީފަ އެވެ.
އޭގެ އިތުރުން ގައިޑްލައިންތަކާ އެއްގޮތަށް، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވުގެ ހުއްދަ އާއި ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކްތައް ވެސް ވަނީ ހުޅުވާލައިފަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދަން ވެސް ވަނީ ހުޅުވާލައިފަ އެވެ.
އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޖިމްތަކުގައި ކަސްރަތު ކުލާސްތައް ކުރިއަށް ގެންދިއުމަށާއި ޑޭ ކެއާތައް ހުޅުވާލުމަށާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލް ތަކާއި، ނާސާރީތަކުގައި ކިޔަވައިދިނުން ހުޅުވާލަން ވެސް މިއަދު ވަނީ ހުއްދަ ދީފަ އެވެ.
ލުއިތައް ދިންނަމަވެސް، އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް އެއްވެ އުޅުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމަށް އެންގި އެންގުން ވަނީ ދަމަހައްޓައިފަ އެވެ.



