މިނިމުނު މާރޗްމަހު ރާއްޖެއަށް ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރޗް މަހު ރާއްޖެއަށް 109،585 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިހަރު ފާއިތުވި ތިން މަހު ރާއްޖެއަށް ޖުމްލަ 298،570 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.
މިތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ. އެގޮތުން މިއަހަރު މިހާތަނަށް އިންޑިއާގެ 69،730 ފަތުރުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ދެވަނާގައި އޮތް ރަޝިއާއިން 63،523 ފަތުރުވެރިޔަކުވަނީ ޒިޔާރަތްކޮށްފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޔޫކްރެއިންއިންނެވެ. އެގޮތުން ޔޫކުރެއިނުން 17،921 ފަތުރުވެރިންވަނީ މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
މިއަހަރު ފެށުނު ފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރާތްކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 5268 ފަތުރުވެރިޔަކުވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޮޑަރު އަލުން ހުޅުވާލިފަހުން، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. ހަމައެއާއެކު ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަންވެސް އިތުރުވެފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު، ރިޒޯޓްތަކާއި މެރީނާ ހިމެނޭގޮތަށް ރާއްޖޭގައި 159 ތަނެއް އޮޕަރޭޓް ކުރަމުން އެބަދެއެވެ. އަދި 13 ހޮޓަލާއި 158 ސަފާރީގެ އިތުރުން 691 ގެެސްޓްހައުސް މިހާރު ރާއްޖޭގައި ޓުއަރިސްޓުންނަށްޓަކައި އޮޕަރޭޓްކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގައި ޓުއަރިސްޓުންނަށްޓަކައި ޖުމްލަ 46،157 އެނދު މިހާރު އޮޕަރޭޓް ކުރަމުންދެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.




