އެސްޓްރަޒެނެކާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ގަޑިތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާލޭ ސަރަޙައްދުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، އުމުރުން 18 އަހަރުން މަތީގެ އެންމެންނަށްވެސް ވެކްސިންގެ ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެގޮތުން މާދަމާ މާލޭ ސަރަޙައްދުގެ 5 ސެންޓަރެއްގައި ކޮވިޑު ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.
އެ ސެންޓަރު ތަކަކީ:
- ސޯޝަލް ސެންޓަރ - 10:00 އިން 15:00 އަށް
- ވިލިމާލެ ޒުވާނުންގެ މަރުކަޒު - 10:00 އިން 14:00 އަށް
- ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ކުރީގެ ފްލޫ ކުލިނިކް) - 10:00 އިން 15:00 އަށް
- ނެޝަނަލް އާރޓް ގެލަރީ - 10:00 އިން 15:00 އަށް
- ސެނަހިޔާ - 10:00 އިން 15:00 އަށް
އަދި ދެވަނަ ޑޯޒް ދެވޭނީ ފެބްރުއަރީ 4-1 އާއި ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން މަޢުލޫމާތު ދޭ ގޮތުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނީ ފުރަތަމަ ޑޯޒް ދިންތާ 12-8 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ކެމްޕެއިން ފަށައިފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. މި ކެމްޕެއިންގެ ދަށުން މުޅި ޖުމްލަ މިހާތަނަށް 240،773 މީހުންނަށް ވެކްސިންވަނީ ދީފައެވެ. މިހާތަނަށް މުޅި ޖުމްލަ މާލޭ އޭރިއާއިން 132،044 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭ ރައްތަކުން މުޅި ޖުމްލަ ވެކްސިން ދިންމީހުންގެ އަދަދަކީ 108،729 އެވެ.