2036 ވަނަ އަހަރާއި ހަމައަށް ވެރިކަމުގައި ހުރެވޭ ގާނޫނު ޕުޓިން ތަސްދީގުކުރައްވައިފި

ރަޝިއާގެ ވެރިކަމުގައި 2036 ވަނަ އަހަރާއި ހަމައަށް ހުރެވޭނެފަދަ ގާނޫނެއް ރަޝިއާގެ ރައީސް ވުލަޑްމީރު ޕުޓިން ތަސްދީގު ކުރައްވައިފިއެވެ.

އުމުރުން 68 އަހަރުގެ ޕުޓިން މިދިޔަ ހޯމަ ދުވަހު ތަސްދީގުކުރި ގާނޫނުގައި ބުނަނީ، ހަ އަހަރުގެ ދެދައުރަށް ޕުޓިން އަށް އަދި ކުރިމަތިލެވޭނެ ކަމަށެވެ.

ރަޝިއާގެ ގާނޫނަށް މިދިޔަ އަހަރުގެ ތެރޭގައި ގެނައި އިސްލާހާގެ ދަށުން ޕުޓިން މިހާރު ފުރުއްވަމުންދާ ދައުރު 2024 ވަނަ އަހަރުގެ ތެރޭގައި ހަމަވުމުން ހަ އަހަރުގެ އިތުރު ދެ ދައުރަކަށް ޕުޓިންނަށް ކުރިމަތިލެއްވޭނެއެވެ. މީގެ ކުރިން އޮންނަ ގޮތުން ދެ ދަޢުރު ފުރިހަމަ ކުރެއްވުމަށްފަހު ޕުޓިންނަށް އިތުރު ދަޢުރަކަށް ކުރިމަތިލެއްވޭނީ މެދުކެނޑުމަކަށްފަހުއެވެ.

ޕުޓިން މިހާރުވެސް ދަނީ ޖެހިޖެހިގެން ރިޔާސީ ދެވަނަ ދައުރެއް ފުރިހަމަ ކުރައްވަމުންނެވެ. އޭގެ ކުރިންވެސް ޕުޓިންވަނީ ރިޔާސީ ދެ ދައުރު ފުރިހަމަ ކުރައްވައިފައެވެ.

ޕުޓިން އެންމެ ފުރަތަމަ ރަޝިއާގެ ރައީސްކަމަށް އިންތިހާބުވެފައިވަނީ 2000 ވަނަ އަހަރުއެވެ. ހަތަރު އަހަރުގެ ދެދައުރު ރައީސްކަމުގައި ހުއްނެވުމަށްފަހު ޕުޓިން ދެން ބަދަލުވެވަޑައިގެންފައިވަނީ ބޮޑުވަޒީރުކަމަށެވެ. އަދި އެއަށްފަހު ދައުރެއްގެ ދިގުމިން ހައަހަރަށް ބަދަލުކޮށް 2012 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ރަޝިއާގެ ރައީސްކަމުގައި ހުއްނެވީ ޕުޓިންނެވެ.

ވެރިކަން ދިފާއުކުރުމަށް ޕުޓިން ރަޝިއާގެ ގާނޫނު އަސާސީއަށް ގެއްނަ ބަދަލުތައް ގިނަބަޔަކު ސިފަކުރަނީ ދުސްތޫރީ ބަގާވާތެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ