ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އިންޑިއާގައި ފަށައިފައިވާ ވެކްސިން ކެމްޕެއިންގެ ތެރެއިން 100 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީފިއެވެ.
އިންޑިއާއިން ބުނީ މިއަދަދާއެކު އިންޑިއާ ވެގެން ގޮސްފައިވަނީ އެންމެ އަވަހަށް ކޮވިޑް ވެކްސިން 100 މިލިއަން މީހުންނަށް ދިން ގައުމަށް ކަމަށެވެ. އިންޑިއާއިން 100 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދީފައިވަނީ 85 ދުވަހުގެ ތެރޭގައެވެ.
ވެކްސިން ޕްރޮގުރާމު ފަށައިފައިވާ އެހެން ގައުމުތަކަށް ބަލާއިރު، އެމެރިކާއިން 100 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދީފައިވަނީ 89 ދުވަހުގެ ތެރޭގައެވެ. ޗައިނާއިން ކޮވިޑް ވެކްސިން 100 މިލިއަން މީހުންނަށް ދީފައިވަނީ 102 ދުވަހުގެ ތެރޭގައެވެ.
އިންޑިއާގެ އަމާޒަކީ ޖުލައިމަސް ނިމެންވާއިރަށް 250 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދިނުމެވެ. ނަމަވެސް މިހާރު ވެކްސިން ދޭ ބާރުމިނުގައި މި އަމާޒު ހާސިލުނުވާނެކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
މިހާތަނަށް އިންޑިއާގައި ވެކްސިން ދިނުމުގައި އިސްކަންދީފައިވަނީ ފުރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށާއި އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށެވެ. މިހެންނަމަވެސް އުމުރުން45 އަހަރުން މަތީގެ ކޮންމެ މީހަކައްވެސް ވެކްސިން ސެންޓަރުތަކުންނާއި ހޮސްޕިޓަލުން އިންޑިއާގައި އައްނަނީ ވެކްސިން ދެމުންނެވެ.