ކޮވިޑް-19ގެ ކޭސްތައް އިތުރުވުން ކޮންޓުރޯލް ކުރުމަށް ހަދުވަހުގެ މުއްދަތަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީ ލޮކްޑައުން ކޮށްފިއެވެ.
ނިއުދިއްލީ ލޮކްޑައުން ކޮށްފައިވަނީ މިރޭ 22:00 އިން ފެށިގެން އަންނަ ހޯމަދުވަހުގެ ފަތިހު 5:00 އާއި ހަމައަށް ކަމަށް ނިއުދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދު ކެޖްރިވާލް ވިދާޅުވެފައި ވެއެވެ.
ޗީފް މިނިސްޓަރ އަރްވިންދު ކެޖްރިވާލް އިތުރަށް ވިދާޅުވީ، މި ނިންމުން ނިންމަން މަޖުބޫރުވީ ކޮވިޑް-19ގެ ކޭސްތައް ނިއުދިއްލީގައި އިތުރުވެ އެ ސިޓީގެ ސިއްހީ ވަސީލަތްތަކަށް ނުކަތަފާނެކަމުގެ ބިރު ހީވުމުން ކަމަށެވެ.
"ނިއުދިއްލީ މިވަގުތު ލޮކްޑައުން ނުކޮށްފިނަމަ ފަހުން ލިބެން އޮތް ހިތާމަ މާބޮޑުވާނެ، ސަރުކާރުން އެންމެހާ ރައްޔިތުންގެ ކަންކަން ބަލަހައްޓާނެ ނިއުދިއްލީ ލޮކްޑައުން ކުރުމަކީ ފަސޭހަ ނިންމުމެއް ނޫން" އަރްވިންދު ކެޖްރިވާލް ވިދާޅުވިއެވެ.
ނިއުދިއްލީ ލޮކްޑައުން ކުރިނަމަވެސް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ހުޅުވުމުގެ ހުއްދަ ދޭނެއެވެ. މިގޮތުން ހޮސްޕިޓަލްތަކާއި ބޭސްފިހާރަތަކާއި އަދި ކާބޯތަކެތި ވިއްކާ ތަންތަން ހުޅުވުމުގެ ހުއްދަ ދޭނެއެވެ.
އެޕްރީލް މަސް ފެށުމާ އެކު އިންޑިއާގައި ވަނީ ކޮވިޑް-19ގެ ދެވަނަ ރާޅެއް ފެށިފަ އެވެ. އާދިއްތަ ދުވަހު އެކަނި ވެސް ނިއުދިއްލީން ވަނީ 24،462 މީހުން ޕޮޒިޓިވްވެފައެވެ.



