އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް ކޮވިޑް-19 އަށް ޕޮޒިޓިވުވެ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފިއެވެ.
އުމުރުފުޅުން 88 އަހަރުފުޅުގެ ސިންހު ކޮވިޑް-19 އަށް ޕޮޒިޓިވުވެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސްގައި އެޑްމިޓުކޮށްފައިވަނީ ހޯމަދުވަހުއެވެ.
ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވައިފައިވާ ސިންހްގެ ކިބައިން ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެއްނަ ކަމަށާއި ހާލަތު ރަނގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ސިންހް އަކީ ހިތުގެ ބައްޔާއި އަދި ހަކުރުބަލި ހުންނަ ބޭފުޅެކެވެ. މީގެކުރިން ސިންހްވަނީ ހިތުގެ ދެ އޮޕަރޭޝަނެއްވެސް ކުރައްވައިފައެވެ.
ސިންހް ކޮވިޑް-19 އަށް ޕޮޒިޓިވުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއި ގުޅިގެން އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ ސިންހް އަށް އަވަސް ޝިފާއަކަށް އެދި ޓުވީޓު ކުރައްވައިފައެވެ.
ސިންހް އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ 2004 އިން 2014 އަށެވެ. އެއީ ދެދައުރެވެ. އޭނާއަކީ އިންޑިއާގެ މިހާރުގެ އިދިކޮޅު ޕާޓީކަމަށްވާ ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.




