ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ އިންޑިއާއިން 314,835 މީހުން ކޮވިޑަށް ޕޮޒިޓިވުވެ 2،104 މީހުން ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.
މިއަދަދުތަކާއެކު އިންޑިއާ ވެގެން ގޮސްފައިވަނީ 24 ގަޑިއިރުގެ ތެރޭ މިހާ ގިނަ އަދަދަކަށް އެއްގައުމަކުން ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވުވި ގައުމު ކަމުގައެވެ.
މި އަދަދުތަކާއެކު މުޅި ޖުމްލަ އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު މިހާރުވަނީ 16 މިލިއަނާއި ގާތްކޮށްފައެވެ. މުޅި ދުނިޔެއިން ބަލާނަމަ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވި ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި އުޅެނީ އިންޑިއާއެވެ.
އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރު ކުރަމުންދާއިރު އެގައުމުގެ ބަޔެއް ސިޓީތަކުގެ ސިއްހީ ފަރުވާދޭތަންތަނުން އޮކްސިޖަންފަދަ މުހިންމު ތަކެތި އައްނަނީ ހުސްވަމުންނެވެ. އަދި މިކަމުގެ ސަބަބުން މިބަލީގައި އިންޑިއާއިން މަރުވާ މީހުންގެ އަދަދު އިތުރުވެދާނެކަމުގެ ބިރުވެސް މިހާރުވަނީ ހީވެފައެވެ.

އޮކްސިޖަންގެ މައްސަލައިގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ކޯޓަކުންވެސް ދާދިފަހުންވަނީ އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ފެކްޓަރީތަކުން ހޮސްޕިޓާތަކަށް އޮކްސިޖަން ފަސޭހަކަމާއެކު ލިބޭނޭގޮތް ހެދުމަށް ސަރުކާރަށް އަމުރުކޮށްފައެވެ.
އޮކްސިޖަން ލިބުން ދަތިވުމުގެ ސަބަބުން އިންޑިއާގައި އެތައް ބަޔަކު މަރުވަމުންދާ ކަމުގެ ރިޕޯޓުތައް އައްނަނީ ލިބެމުންނެވެ. ނަމަވެސް، މިއީ އަދި ކިހާ އަދަދެއްގެ ބަޔެއްކަން ނޭންގެއެވެ.



