ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ސިއްހީ ހާލަތު މީން ދުވަހަކު ދަށަށް ނުދާވަރަށް މިއަދުވަނީ ދަށަށް ގޮސްފައެވެ. ހޮސްޕިޓާ އެނދުތައް ފުރި ފަރުވާދޭނެ އެނދެއް ނެތްއިރު ގިނަ ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެ ގިނަ ބަޔަކު އައްނަނީ މަރުވަމުންނެވެ.
މިފަދަ ދެރަ ނިކަމެތި ހާލެއްގައި ގައުމު އޮއްވައި ގައުމުގެ މޫނުމަތި ރީތި ކުރުމުގެ ގޮތުން ނުވަތަ ރައްޔިތުންނަށް ހަގީގަތް ފޮރުވުމަށްޓަކައި ސަރުކާރުން އިސްވެ އޮވެ މީސްމީޑިއާ ނެޓްވޯކުތަކާއި ގުޅިގެން މަސައްކަތްކުރާ މައްސަލަ ފަޅާއަރައި ގިނަ ބަޔެއްގެ ނުރުހުން އިންޑިއާ ސަރުކާރަށްވަނީ އަމާޒުވެއްޖެއެވެ.
މީސްމީޑިއާ ވެބްސައިޓު ޓުވިޓާގެ ތަރުޖަމާނަކު މިކަންވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. މިގޮތުން އިންޑިއާ ސަރުކާރުގެ އެދުމުގެ މަތިން އެ ވެބްސައިޓުގައި ހިއްސާކޮށްފައިވާ އިންޑިއާއާއި ގުޅޭ ކޮވިޑް-19ގެ ކޮންޓެންޓުތަކެއް އިންޑިއާއަށް ނުފެއްނަ ގޮތަށް ޓުވިޓާއިން ހަދާފައިވާކަމަށް ޓުވިޓާ ވެބްސައިޓުގެ ތަރުޖަމާނަކުވަނީ ބުނެފައެވެ.
ދަ ހިންދޫ ނޫހުގައިވާ ގޮތުން ޓުވިޓާއިންވަނީ އިންޑިއާ ސަރުކާރުގެ އަމުރަށް 50 އަށް ވުރެ ގިނަ ޓުވީޓް އިންޑިއާއަށް ނުފެއްނަ ގޮތް ހަދައިފައެވެ.
އިންޑިއާގެ ހާލަތު އަދިވެސް އައްނަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. މިގޮތުން ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް އިންޑިއާއިން ޕޮޒިޓިވުވާ މީހުންގެ އަދަދު މިހާރު އުޅެނީ ތިންލައްކައިން މަތީގައެވެ. އަދި މިބަލީގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އުޅެނީ ދެހާހުން މަތީގައެވެ.
އިންޑިއާގެ ސިއްހީ ނިޒާމަށް ނުކަތާ މިންވަރަށް އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައި މިވާ ދަނޑިވަޅުގައި ބޭރުގެ ފަރާތްތަކުންވަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައެވެ. މިގޮތުން އެހީތެރިކަން މިހާތަނަށް ފޯރުކޮށްދިން ބަޔެއް ގައުމުތަކުގެ ތެރޭގައި ޗައިނާ، އެމެރިކާ، އަދި އިނގިރޭސިވިލާތް ހިމެނެއެވެ.



