މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ސަރުކާރުން ހުއްޓާލާފައިވަނީ ބަޔަކު ހިމާޔަތްކުރުމަށްޓަކައިކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ މައްސަލާގައި ބައެއް މަޖްލިސް މެންބަރުންގެ ގޮނޑު ގެއްލިދާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްވައިފައި ވަނިކޮށެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ޚިޔާނާތާއި ގުޅިގެން 270 މީހަކަށް ދައުވާ ކުރުމަށް މިހާރު ވެސް ފާހަގަ ކުރެވިފައިވާކަމަށާއި، އެމައްސަލައިގެ ތެރޭގައި ބައެއް އިއްޒަތްތެރި މެންބަރުންގެ ގޮނޑިފުޅު ގެއްލިދާނެކަމަށެވެ. އަދި ބައެއް ބޭފުޅުންގެ މަގާމުވެސް ގެއްލިދާނެކަމަށާއި ދެންތިބި މީހުންނަށް އިތުރު އެހެން ގޮތްގޮތް ވެދާނެކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ އަޑު މިއަދު ގަދަވެފައި ވަނިކޮށް މިރޭ ކުރެއްވި ޓްވީޓެއްގައި ދުންޏާ ވިދާޅުވީ، އެމް.އެމް.ޕީ.އާރް.ސީގެ މައްސަލަ ފެންމަތި ވިތާ އެތައް އަހަރެއް ފާއިތުވެފައިވާކަމަށާއި، ނަމަވެސ މިސަރުކާރުން އެފަރާތުގައި ތިބި ބައެއް ހިމާޔަތްކުރުމަށްޓަކައި ތަޙުޤީޤު ހުއްޓާލާފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
އަދި މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީ އެމްއެމްޕީއާރުސީގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމުގެ ވައުދުގައިކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
އެމް.އެމް.ޕީ.އާރް.ސީގެ މައްސަލަ ފެންމަތި ވިތާ އެތައް އަހަރެއް ފާއިތުވެފައިވާއިރު، ފުރިހަމަ ތަހްގީގެއް ހިންގުމުގެ ވައުދުގައި ވެރިކަން ހޯދި މިސަރުކާރުން އެފަރާތުގައި ތިބި ބައެއް ހިމާޔަތްކުރުމަށްޓަކައި ތަހްގީގު ހުއްޓާލާފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.!
— Dunya Maumoon (@dunyamaumoon) April 26, 2021
ޚިޔާނާތުގެ މައްސަލަ ތަޙްޤީޤު ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކާއި އެކު ރިޔާސީ ކޮމިޝަން ބައިވެރިވެ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް 267 މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާކަމަށެވެ.
އަދި އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެންބަރަކާއި އަދި ކުރީގެ 44 މެންބަރަކާއި، މި ސަރުކާރުގެ 7 ބޭފުޅަކާއި، ކުރީގެ ސަރުކާރުތަކުގައި އިސްމަޤާމްތަކުގައި އުޅުއްވާފައިވާ 30 ފަރާތެއް ހިމެނެއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި 5 މެންބަރަކާއި، 5 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ޚިދުމަތުގެ ތެރޭގައި އުޅުއްވި ފަރާތްތައް ވެސް މިމައްސަލާގައި ހިމެނިފައިވާކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިމައްސަލައިގެ އިތުރު މަޢުލޫމާތެއް ސަރުކާރުން ޙިއްސާކޮށްފައެއް ނުވެއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ކުށް ސާބިތުވެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށެވެ.
މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމަށް ވަނީ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއްވެސް އިއްވާފައެވެ. އަދި އެމަނިކުފާނު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.