ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު ދެ ލައްކައަށް ވުރެ އިތުރުވެއްޖެ

ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު ދެ ލައްކައަށް ވުރެ އިތުރުވެއްޖެއެވެ.

އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބުދަދުވަހު އިންޑިއާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދަކީ 3،293 އެވެ. މިއާއެކު މުޅި ޖުމްލަ މިބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދުވަނީ 201،187 އަރައިފައެވެ.

ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރު އިންޑިއާއަށް ކުރަމުންދާއިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މިބައްޔަށް ޕޮޒިޓިވުވާ މީހުންގެ އަދަދު އުޅެނީ ތިންލައްކައިން މަތީގައެވެ. މިގޮތުން މިހާތަނަށް މުޅި ޖުމްލަ އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު އުޅެނީ 18 މިލިއަނާއި ގާތުގައެވެ.

ކޮވިޑް-19ގެ ކޭސްތައް އިންޑިއާގައި އިންތިހާއަށް އިތުރުވެފައިވާއިރު މުޅި ގައުމުގެ ސިއްހީ ނިޒާމަށްވަނީ މިކަމުގެ އަސަރުކޮށް ހުއްޓުމަކާއި ގާތައް ހާލަތު ގޮސްފައެވެ. އޮކްސިޖަން ލިބުމުގައާއި ހޮސްޕިޓަލު އެނދުތައް ފުރުމުގެ ސަބަބުން އިތުރުމީހުން މަރުވުމުގެ ބިރު ހީވެފައިވާއިރު ދުނިޔޭގެ ބަޔެއް ބޮޑެތި ގައުމުތަކުން މިހާރުވަނީ އިންޑިއާއަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައެވެ.

އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ ސަރަހައްދުތަކުގެ ތެރޭގައި މަހާރަޝްތުރާ، ދިއްލީ، އުއްތަރަ ޕްރަދޭޝް، މަދުޔަ ޕްރަދޭޝް އަދި ގުޖުރާތު ހިމެނެއެވެ. އެ ސްޓޭޓުތަކުން ވަނީ ހޮސްޕިޓަލްތައް ފުރި، މެޑިކަލް އޮކްސިޖެން އާއި ބޭސް ލިބުން ދަތިވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އިންތިހާ ދަރަޖައަށް އިތުރުވެފައި މިވަނީ މިއަހަރުގެ ކުރީކޮޅު އެގައުމުގައި ކޮވިޑް-19ގެ ކޭސްތައް މަދުވުމާއި ގުޅިގެން ފަރުވާކުޑަ ކޮއްލެވުނު ކޮއްލެވުމާއި އަދި ދީނީ މުނާސަބަތުތަކާއި ސިޔާސީ އެއްވުންތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ. އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރު ކުރަން ފަށައިފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ