ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކު ވަޅުލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ | ފޮޓޯ: އެމްއެންޑީއެފް

ކޮވިޑް-19 ޖެހިގެން މިއަދު ދެވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން މިއަދު ދެވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ފަހުން ނިޔާވެފައިވަނީ އުމުރުން 50 އަހަރުގެ އިންޑިއާގެ ފިރެހެނެކެވެ.

މިމީހާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 73 ވަނަ މީހާއެވެ.

މިއަދު މީގެކުރިންވެސް ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެފައިވާއިރު އެއީ އުމުރުން 85 އަހަރުގެ ދިވެހި އަންހެނެކެވެ. މި އަންހެންމީހާ ނިޔާވެފައިވަނީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރާއްޖޭގައި ކޮވިޑު ބަލި ފެތުރެމުންދާ މިންވަރު ދުވަހެއް ދުވަހަކަށް ފަށާފައިވާއިރު، މިއަދަކީ މިފަހުން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު ރާއްޖެއިން 464 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ރާއްޖެއިން 386 ކޭސް ފެނިފައިވާކަމަށް އެޗްޕީއޭއިންވަނީ ރިޕޯރޓްކޮށްފައެވެ. އަދި އިއްޔެގެ ކުރީ ދުވަހުގެ އަދަދަކީ 328 ޕޮޒިޓިވް ކޭސްއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 3،948 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 464 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 207 މީހުން، އަތޮޅުތެރޭ ރަށްތަކުން 146 މީހުން، އަދި ރިސޯޓުތަކުން 14 މީހުންނެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،575 އެވެ. މިވަގުތު 4،396 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 122 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ