އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރުކޮށް ރެކޯޑް އަދަދުތަކަކުން މީހުން މަރުވަމުން ދިއަނަމަވެސް އެގައުމުގެ ސްޓޭޓް އިންތިހާބު ފޯރީގައި އަދިވެސް ކުރިއަށް އެބަގެންދެއެވެ.
އިންޑިއާގެ ހުޅަނގު ބެންގޯލްގައި ކުރިއަށްދާ މި އިންތިހާބުގައި ވޯޓުލުމަށް އާންމުފަރާތްތަކުން ވޯޓިން ސެންޓަރުތައް ދަށުގައި ކިއު ހަދައިފައިވާއިރު މިކަމުގެ ސަބަބުން އިންޑިއާގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމުގެ ބިރު މިހާރުވަނީ ހީވާން ފަށައިފައެވެ.
ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އިންޑިއާގައި ކޮވިޑް-19 އެންބާރަށް ފެތުރޭ ސަރަހައްދަކަށް ހުޅަނގު ބެންގޯލް ވެގެން ހިނގައިދާނެއެވެ. އިއްޔެ އެކަނިވެސް ހުޅަނގު ބެންގޯލުން 17،000 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. މުޅި އިންޑިއާއިން އިއްޔެވަނީ 300،000 އަށްވުރެ ގިނަމީހުން ޕޮޒިޓިވުވެފައެވެ.
ހުޅަނގު ބެންގޯލްގައި މިހާރު ކުރިއަށްދާ ސްޓޭޓް އިންތިހާބަކީ ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްދާ އިންތިހާބެކެވެ. މިހާރު ކުރިއަށްދަނީ އެންމެފަހު ފިޔަވަހީގެ ވޯޓުލުމެވެ.
ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ސިޔާސީ ފަރާތްތަކުންވަނީ ތާއީދު ހޯދުމުގެ ގޮތުން ހުޅަނގު ބެންގޯލުގައި ބޮޑެތި ކެމްޕެއިން ރެލީތައްވެސް ބާއްވައިފައެވެ. މީގެތެރޭގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްވެ ހުއްނަވާ ބޭއްވެވި ބޮޑެތި ރެލީތައްވެސް ފާހަގަކޮށްލެވެއެވެ.



