ކޮވިޑް-19: އިތުރު 318 މީހަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްގެ އަދަދު 4500 އިން މައްޗަށް

ރާއްޖެއިން މިއަދު އިތުރު 318 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މިވަގުތު ހުރި އެކްޓިވް ކޭސްގެ އަދަދު 4500 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 2،556 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 318 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 142 މީހުން، އަތޮޅުތެރޭ ރަށްތަކުން 130 މީހުން، އަދި ރިސޯޓުތަކުން 33 މީހުންނެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،703 އެވެ. މިވަގުތު 4،585 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 134 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 73 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

މިފަހަކަށް އައިސް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 464 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިންވަނީ ރިޕޯރޓްކޮށްފައެވެ.

އަތޮޅު ތެރޭގެ ކޭސްތަކަށް ބަލާލާއިރު މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގެ ތެރެއިން މިިއަދު އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ ޅ. ނައިފަރުންނެވެ. އެގޮތުން އެރަށުން އިތުރު 40 ކޭސް މިއަދު ފެނިފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ. މީގެއިތުރުން ކ. މާފުށިން 26 ކޭސް، އއ. އުކުޅަސްއިން 19 ކޭސް އަދި ކ. ތުލުސްދޫއިން ކޮވިޑުގެ އިތުރު 12 ކޭސް މިއަދު ފެނިފައިވާކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ