ފުވައްމުލަކު ސިޓީން ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެއްޖެ

ފުލޫ ކުލިނިކަށް ދެއްކި މީހަކު ފުވައްމުލަކު ސިޓީން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ އެ ސިޓީން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން 5 މޭ 2021 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ކަމަށާއި އޭނާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއްކޮށް ނުވަތަ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނު ކުރެވުނު މީހެއް ނޫންކަމަށެވެ.

އެ ސިޓީން ކޮވިޑް ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމުގައި ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ފުވައްމުލަކުން އިއްޔެވެސް ވަނީ 22 ސާމްޕަލެއް ނަގާފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ފުވައްމުލައް ސިޓީގެ ރައްޔިތުން ރައްކާތެރިވެ ތިއްބެވުމަށް އިލްތިމާސްކޮށް އަދި މި ބަލިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ދެއްވާ އިރުޝާދުތަކަށް އަމަލު ކުރެއްވުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު މިހާރު އަންނަނީ ކޮވިޑް ފެތުރެމުންނެވެ. އެގޮތުން މާލެ ސިޓީގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރައްތަކެއްގައިވެސް ވަނީ ވަރަށް ބޮޑަށް ކޮވިޑް ފެތުރިފައެވެ.

މީގެ އިތުރުން ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވާމީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި އަދަދުތައް މިވަނީ މީގެ ކުރިން ދުވަހަކުވެސް ނާރާހާ މައްޗަށް އަރާފައެވެ.

މިހަތަނަށް ރާއްޖޭގައި 32،665 އަސް ވުރެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އިއްޔެ އެކަނިވެސްވަނީ 734 މީހަކު ޕޮޒިޓިވް ވެފައެވެ. މި ބަލީގައި މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ. އަދި 198 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ