ކޮވިޑް-19 އާއި ގުޅިގެން އަތޮޅު ތެރޭގެ 30 ރަށެއް މޮނިޓަރިންއަށް ލައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދުވެސް ވަނީ ދެ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ. އެއީ ފުވައްމުލަކު ސިޓީއާއި ލ. މާވަށެވެ. ފުވައްމުލަށް މޮނިޓަރިންއަށް ލާފައި މިވަނީ އެރަށުން ފްލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.
މީގެ އިތުރުން މާރިޗު މަހާއި އޭޕްރީލް މަހުގެ ކުރީކޮޅު މޮނިޓަރިންއަށް ލާފައިވާ ބައެއްރަށްތައްވެސް އަދިވެސް މޮނިޓަރިންގެ ހާލަތުގައިއެބައޮތެވެ. މިހާރު ހުރިރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތީ ޅ. ނައިފަރެވެ. ނައިފަރުގައި ކޮވިޑްގެ ހާލަތު އަދިވެސް ރަނގަޅެއްނުވެއެވެ. އެރަށް މޮނިޓަރިންއަށް ލާފައި ވަނީ މާރިޗު 23 ވަނަ ދުވަހުއެވެ.
އެންމެ ގިނައިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮތީ ލ. އަތޮޅުގެ ރަށްތަކެވެ. އެގޮތުން އެ އަތޮޅުގެ 6 ރަށެއް ހިމެނޭއިރު، އޭގެ ތެރޭގައި ލ. މައިބާދޫއާއި، ލ. ގަމާއި، ލ. ފޮނަދޫއާއި، ލ. ދަނބިދޫއާއި، ލ. އިސްދޫއާއި މިއަދު މޮނިޓަރިންއަށް ލީ ލ. މާވަށް ހިމެނެއެވެ.
ރާއްޖޭގައި ކޮވިޑްގެ ލާތަލު މިވަނީ މީން ދުވަހަކު ނުވާވަރަށް ނުރައްކާވެފައެވެ. އެގޮތުން ޕޮޒިޓިވް ވާއަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ އިރު، އިއްޔެވެސް 734 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ދުވަހެވެ.
ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާއިރު، އަދި ސިއްޙީ މާހިރުންނާއި ގިނަ ރައްޔިތުންތަކެއް މިކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ.
އެގޮތުން އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، ވެކްސިން ޖެހުމުން ކުރިން ދީފައިވަ ލުއިތައްވެސް މިހާރު ވަނީ ނަގަފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ވަނީ އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ.
ރާއްޖޭގައި މިހާތަނަށް 32،665 މީހަކު ވަނީ މި ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި 75 މީހަކު ނިޔަވެފައިވާއިރު، 198 މީހަކު ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.




