ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ފަހުން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުން ދިޔަ ދިވެހި ފިރިހެނެކެވެ. މަޢުލޫމާތު ލިބޭގޮތުގައި އޭނާ ނިޔާވީ މިރޭގެ ވަގުތެއްގައެވެ. ނިޔާވެފައިވަނީ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަދި މިއީ މިއީ މިދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ހަތަރު ވަނަ މީހާއެވެ. އަދި ރާއްޖެއިން ކޮވިޑް ޖެހިގެން އެއްދުވަހާ އެންމެ ގިނައިން މީހުން ނިޔާވި ދުވަހެވެ.
މިއަދު ނިޔާވި އިތުރު މީހުންގެ ތެރޭގައި ހިމެނެނީ ރޭ ދަންވަރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށް ނިޔާވި އުމުރުންް 77 އަހަރުގެ މީހަކާއި، ޅ. ނައިފަރުން ނިޔާވި އުމުރުން 88 އަހަރުގެ މީހެއްގެ އިތުރުން ރަސްދޫގައި ކަރަންޓީނުވެގެން ހުރި އިންޑިއާ މީހެކެވެ.
ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވަމުން އަންނައިރު، މިދިޔަ 6 ދުވަހު ރާއްޖެއިން 3،533 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އެގޮތުން އިއްޔެ އަކީ ރެކޯޑު އަދަދަކަށް ރާއްޖެއިން މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެކެވެ. އިއްޔެ ރާއްޖެއިން 734 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 703 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.



