ރާއްޖެއިން މިއަދު އިތުރު 703 މީހުން ކޮވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 3،574 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 703 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 526 މީހުން، އަތޮޅުތެރޭ ރަށްތަކުން 167 މީހުން، އަދި ރިސޯޓުތަކުން 07 މީހުންނެވެ.
މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،675 އެވެ. މިވަގުތު 7،607 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 203 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 77 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.
✳️ COVID-19 : Case Updates pic.twitter.com/2sGJxtX2iA
— Health Protection Agency (@HPA_MV) May 6, 2021
ދުވަހެއް ދުވަހަކަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރ،ު މިދިޔަ 6 ދުވަހު ރާއްޖެއިން 3،533 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގެ ކޯވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެޗްޕީއޭއިން މިހާރުވަނީ މަނާކޮށްފައެވެ. އަދި މީގެއިތުރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން މިހާރުވަނީ އަޅާފައެވެ. އެގޮތުން މިރެއިން ފެށިގެން، ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ވަނީ އިއުލާންކޮށްފައެވެ.




