ކޮވިޑް-19: އިތުރު 766 މީހަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސް 8 ހާހުން މައްޗަށް

ރާއްޖެއިން މިއަދު އިތުރު 766 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި މިވަގުތު ހުރި އެކްޓިވް ކޭސްގެ އަދަދު 8 ހާހުން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 3،153 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 766 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 571 މީހުން، އަތޮޅުތެރޭ ރަށްތަކުން 171 މީހުން، އަދި ރިސޯޓުތަކުން 23 މީހުންނެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،782 އެވެ. މިވަގުތު 8،261 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 205 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 82 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

ދުވަހެއް ދުވަހަކަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރ،ު ވޭތުވެދިޔަ 48 ގަޑިއިރުތެރޭގައި ރާއްޖެއިން 8 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެޗްޕީއޭއިން މިހާރުވަނީ މަނާކޮށްފައެވެ. އަދި މީގެއިތުރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން މިހާރުވަނީ އަޅާފައެވެ. އެގޮތުން މިރެއިން ފެށިގެން، ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ވަނީ އިއުލާންކޮށްފައެވެ.

މީގެއިތުރުން ދަތުރުފަތުރާ ގުޅިގެން ކުރެވޭ ކަރަންޓީނުގެ މުއްދަތުވެސް މިހާރުވަނީ 14 ދުވަހަށް އިތުރުކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ