ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ވެރިރަށް މާލެއިން ނަގާ ކޮންމެ 5 ސާމްޕަލްއަކުން 3 ސާމްޕަލް ޕޮޒިޓިވްވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނިގޮތުގައި މާލޭ ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ ހަތަރު ގުނަ އިތުރުވެފައެވެ.
އެޗްޕީއޭއިން މިކަން ހާމަކޮށްފައިވާއިރު، ރާއްޖެއިން މިއަދުވެސް 791 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގެ ކޮވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން މިހާރުވަނީ އަޅާފައެވެ. އަދި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއުވެސް ވަނީ އިއުލާންކޮށްފައެވެ.
މާލޭގެ އިތުރުން ރާއްޖޭ ތެރޭގައިވެސް ކޮވިޑްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެޗްޕީއޭއިން މިހާރުވަނީ މަނާކޮށްފައެވެ. މީގެއިތުރުން ދަތުރުފަތުރާ ގުޅިގެން ކުރެވޭ ކަރަންޓީނުގެ މުއްދަތުވެސް މިހާރުވަނީ 14 ދުވަހަށް އިތުރުކުރެވިފައެވެ.
3 out of every 5 samples tested in Greater Male' Area are found to be positive every day. pic.twitter.com/rhgo1qLzCK
— Health Protection Agency (@HPA_MV) May 9, 2021
މީގެއިތުރުން މިހާރު ދުވާލެއްގެ މައްޗަށް އުމުރުން 10 އަހަރުގެ 80 ވަރަކަށް ކުދިން ޕޮޒިޓިވް ވަމުން އަންނައިރު، އެކުދިންގެ ތެރޭގައި ހިމެނޭ 4 ނުވަތަ 5 ކުދިންނަކީ އެއް އަހަރުވެސް ނުވާ ކުޑަކުދިންކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މާލޭ ސަރަޙައްދުގައި ހުރި ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަކުގެ 80% މިހާރުވެސް ވަނީ ފުރިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެތަށް ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެޗްޕީއޭއިންވަނީ ބުނެފައެވެ.



