ފުރާންސުގައި ދާހިލީ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ސިފައިން ދީފި

ފުރާންސުގައި ދާހިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އެބައޮތްކަމަށް ބުނެ ފުރާންސުގެ ސިފައިން ހިމެނޭގޮތުން 75،000 މީހުން ސޮއިކޮށް ހުޅުވާލެވިފައިވާ ސިޓީއެއް އާންމުކޮށްފިއެވެ.

ކަނާތުފިޔައިގެ ނޫހެއްގައި ޝާއިއުކުރި މި ސިޓީގައި ބުނެފައިވަނީ ފުރާންސް ސަރުކާރުން މުސްލިމުންނަށް މާބޮޑެތި ފުރުސަތުތައްދީ ގައުމު ހަމަނުޖެހުމާއި ދިމާލަށް ގެންދާކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅުވެސް މިފަދަ ސިޓީއެއް ފުރާންސްގެ އަސްކަރިއްޔާގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކެއް ސޮއިކޮށްވަނީ އާންމުކޮށްފައެވެ. މި ސިޓީއާއި ގުޅިގެން ފުރާންސް ސަރުކާރުން އޭރުވަނީ އެ އަމަލު ކޮށްވެރިކޮށް އެފަދަ ހިޔާލުތައް ސިފައިންނަށްވެހުރެ ނުނެރެވޭނެކަމަށް ބުނެފައެވެ.

ނަމަވެސް ކަނާތުފިޔައިގެ ލީޑަރެއް ކަމަށްވާ މަރިން ލިޕެންވަނީ މި ސިފައިންގެ ހިޔާލަށް ތާއީދުކޮށް ވާހަކަދައްކައިފައެވެ. ލިޕެންއަކީ އަންނަ އަހަރު ފުރާންސްގައި އޮއްނަ ރައީސް ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެކެވެ.

ފުރާންސުގައި ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރުދީ އާންމުކުރި ސިޓީގައި ސޮއިކޮށްފައިވާ ސިފައިންގެ މައުލޫމާތު ސިޓީގައި ހާމަކޮށްފައި ނުވިނަމަވެސް މި ސިޓީ އާންމުކުރި ނޫހުން ބުނެފައިވަނީ ސިޓީގައި ސޮއިކޮށްފައިވަނީ ފުރާންސް ސިފައިންގެ ތެރެއިން މިވަގުތުވެސް ޑިއުޓީގައި ތިބި ޒުވާން ސިފައިން ކަމަށެވެ.

ފުރާންސަކީ ހުޅަނގުން އިސްވެ އޮވެ އިސްލާމީ ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ސިފައިން ފޮނުވާ ގައުމެކެވެ. މިގޮތުން ފުރާންސް ސިފައިންވަނީ އަފްގާނިސްތާން، މާލީ، އަދި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވެފައެވެ.

މިލިޔުން ކިޔާލުމުން
122
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ