މޫސުން ވަރަށް ގޯސް، ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވެ، މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.

މެޓް އޮފީހުން ރޭ ފަތިހުން ފެށިގެން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ.

އެގޮތުން ރޭ ފަތިހު 04:00 އިން މިއަދު ހެނދުނު 08:00 އަށް ވަނީ ހއ. އަތޮޅުން ތ. އަތޮޅަށް ޔެލޯ އެލާޓްނެރެފައެވެ. އަދި މި އެލާޓްގެ ވަގުތު ފަހުން މިއަދު މެންދުރު 12:00 އާއި ހަމައަށް އިތުރުކޮށްފައިވާއިރު، މެޓް އޮފީހުން ވަނީ 3 ވަނަ ފަހަރަށްވެސް ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފައެވެ.

މެޓް އޮފީހުން ފަހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު މެންދުރު 12:45 އިން ހަވީރު 16:30 އަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

މި ދުވަސްކޮޅަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ އެލާޓް ނެރެމުންނެވެ.

އެގޮތުން ރޭ ވަނީ ރާއްޖޭގެ ދެކުނަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ އޮރެންޖް އެލާޓްވެސް ނެރެފައެވެ.

މިއަދުގެ މުސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިން 8 ފޫޓަށް އަރާނެކަމުގައި މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމުގައިވެސް މެޓުން ވިދާޅުވެފައިވެއެވެ.

"ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ" މެތް އޮފީހުން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ