މުޅި ރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 40 ހާހުން މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ރޭ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރޭގެ ނިޔަލަށް ރާއްޖޭގައި ވަނީ 40،092 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ދުވަހަކުވެސް މައްޗަށް ނުދާ މިންވަރަށް މައްޗަށް ގޮސްފައެވެ. މި ބަލި މާލޭގެ އިތުރުން މިހާރު އަންނަނީ ރާއްޖޭގެ ގިނަ ރައްތަކެއްގައިވެސް ހަލުވި ކަމާއެކު ފެތުރެމުންނެވެ.
އެގޮތުން އަތޮޅު ތެރޭގެ 45 ރަށެއް މިހާރުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މީގެ ތެރެއިން ގިނަ ރައްތަކެއްގައި މިބަލި ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ބަލި ފެންނަ ރައްތަށް އަންނަނީ އިތުރުވަމުންނެވެ.
ރާއްޖޭގައި މިހާރުވެސް 12،873 މީހަކު އަންނަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި 263 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، 87 މީހަކު މިހާތަނަށް މިބަލީގައި ރާއްޖެއިން ނިޔާވެފައިވެއެވެ.
✳️ COVID-19 : Case Updates
Out of the 1572 cases being reported today, 844 cases are positive cases from samples collected between 6pm of 11th May and 6pm of 12th May. pic.twitter.com/SeTFZ0rICe
— Health Protection Agency (@HPA_MV) May 12, 2021
ކޮވިޑް-19 ކޮންޓްރޯލް ނުވެ ހަލުވިކަމާއެކު ފެތުރެން ފަށާފައިވާއިރު، ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަލުން ވަރުގަދަ ކޮށްފައެވެ.
އެގޮތުން މާލެ ސަރަހައްދުގައި ސަރުކާރު އޮފީސްތައް ބަންދު ކުރުމަށް ނިންމާފައިވާ ނިންމުން މިއަދު ވަނީ މިމަހުގެ 22 ގެ ނިޔަލަށް އިތުރުވެސް ކޮށްފައެވެ.




