ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވެއްޖެ

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވީ، ކޮވިޑް-19 ޖެހިގެން މިއަދު މީހަކު ނިޔާވެފައިވާކަމަށާއި ރާއްޖޭގައި މިހާތަނަށް މިބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު 104 އަށް އަރާފައިވާކަމަށެވެ.

މިއަދު މެންދުރު 12:10 ގައި ކޮވިޑް-19ގައި ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި އެޑްމިޓްކޮށްފަރުވާ ދެމުން އައި އުމުރުން 73 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުން އަންނަ އިރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ އިތުރު ވެފައެވެ.

މިހާތަނަށް 45،956 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 104 މީހަކު މިވަނީ ނިޔާވެފައެވެ. މީގެ އިތުރުން 16،997 މީހަކު މިހާރުވެސް ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު، 267 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވަ ދެމުންނެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 56 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ