ކޮވިޑް-19 ގައި މަރުވާ މީހުން ވަޅުލާ ސަރަހައްދު - ފޮޓޯ: އަދަދު

ކޮވިޑްގައި މިއަދު ތިންވަނަ މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޮންޓްރޯލް ކުރެވުމެއްނެތި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ 72 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 09:00 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި ތިންވަނަ މީހާއެވެ.

މީގެ އިތުރުން މިއަދު އިރުއޮއްސި 06:52 ގައި އޭޑީކޭ ހޮސްޕިޓަލްގެ އެމަޖެންސީއަށް ގެނައި 62 އަހަރުގެ ދިވެހި ފިރިހެނަކުވެސް، ގެނައި އިރުވެސް ނިޔާވެފައިވާއިރު، އޭނާގެ ކޮވިޑް ސާމްޕަލްވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ހަމައެެއާއެކު ރޭ މެންދަމު 02:00 ހާއިރުވެސް މި ބަލީގައި ރާއްޖެއިން މީހަކު މަރުވެފައިވެއެވެ. ރޭ މަރުވެފައިވަނީ ލ.ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުންދިޔަ އުމުރުން 36 އަހަރުގެ ނޭޕާލު ފިރިހެނެކެވެ.

މިއާއެކު މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 3 އަށް އަރާފައިވާއިރު، މުޅި ޖުމްލަ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 115 އަށް އަރާފައެވެ. އަދިވެސް މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ