މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި، އެ ބިން ފޭރިގެންފި ނަމަ، އެމީހުންގެ ކެކުޅުންތަކަށާއި، ގިސްލުންތަކަށާއި، ރުއިންތަކަށް އިޖާބަ ދީ، އެ ބިން މިނިވަންކުރުމަށް ޓަކައި، އެންމެހައި މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަން ޖެހޭނެ ކަމަށް މިއަދުގެ ހުތުބާގައި ވިދާޅުވެއްޖެއެވެ.
އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، މިދުވަސްވަރަކީ ފަލަސްޠީނުގެ ބިމަށް އަރައި، އަތްގަދަކޮށްގެން ތިބި ޔަހޫދީން، މަސްޖިދުލް އަޤްޞާގެ ޙުރްމަތް ކަނޑައި، އެ ޙަރަމްފުޅަށް ނަމާދަށް ދާ މުސްލިމުންނަށް ހުރަސްއަޅައި، އެ މީހުންގެ ލޭ އޮހޮރުވަމުންދާ ދުވަސްވަރެއް ކަމަށެވެ. އަދި ފަލަސްޠީނާއި އަލްޤުދްސުގެ މަސްއަލަ އަކީ މުޅި އިސްލާމީ އުއްމަތުގެ މައްސަލައެއް ކަމަށެވެ.
މި މުޤައްދަސް ބިމުގެ މައްސަލަ އިސްލާމީ އުއްމަތުގެ މައްސަލައަކަށް ނުވާންވީ ކީއްވެހެއްޔެވެ؟ އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. މުސްލިމުންގެ އެންމެ މުޤައްދަސް ތިން ޙަރަމްފުޅުގެ ތެރެއިން އެއް ޙަރަމްފުޅެވެ. ދަތުރުހަދައިގެން ދިޔުމަށް އަންގަވާފައިވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ.
އެއްވަނަ ބޮޑު ހަނގުރާމައަށް ފަހު، ފަލަސްޠީނު އިނގިރޭސިންގެ ދަށަށް ދިޔައީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، އެކުވެރިކަން ނެތުމުގެ ސަބަބުން ކަމަށާއި ދެން ޔަހޫދީންގެ ޙީލަތްތެރިކަމުން، ފަލަސްޠީނުގައި އެމީހުންގެ ވަޠަނެއް އުފެއްދުމަށް އެހީތެރިވުމުގެ ވަޢުދެއް އިނގިރޭސީންގެ އަތުން ހޯދި ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ. އަދި މިވަޢުދާ ވިދިގެން ދުނިޔޭގެ އެތަންމިތާނގައި އުޅުނު ޔަހޫދީން ފަލަސްޠީނުގެ ބިމަށް ގެންގޮސް ވަޒަންވެރި ކުރުވި ކަމަށާއި ދެން އިނގިރޭސީންނާއި ހުޅަނގުގެ ޤައުމުތަކުގެ އެހީގައި ހަތިޔާރާއި ތަމްރީނު ހޯދައި، ޔަހޫދީން ފަލަސްޠީނުގެ ބިމަށް ވެރިވެގަތީއެވެ.
ފަލަސްޠީނު މީހުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ، ނަސްލު ނައްތައިލުމުގެ ހަނގުރާމައެކެވެ. އެކި ސިފަސިފައިގައި އެމީހުން މި ހަނގުރާމަ ކުރެއެވެ. މީގެ ތެރޭގައި ނަމާދަށް ނުދެވޭ ގޮތަށް ފަލަސްޠީނުގެ މިސްކިތްތައް ޙިޞާރުކުރުމާއި، އެ މީހުން ބަނޑަށް ޖައްސައި، ކަނު އަނދިރީގައި ބައިތިއްބުމާއި، ސާފު ބޯފެނާއި ފާޚާނާ ކުރެވޭނެ ވަސީލަތްތައް ހަލާކުކޮށް، މުވާޞަލާތީ ވަސީލަތްތަކާއި އަސާސީ ޚިދްމަތްތަކުން މަޙްރޫމު ކުރުމާއި، ޖަމާޢީ އަދަބުތައް ތަންފީޛު ކުރުން ހިމެނެއެވެ.
މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ ޤުދްސްގެ މަސްއަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މަސްއަލައެއް ކަމަށާއި ޤުދްސަކީ މުސްލިމުންގެ ބިމެއް ކަމަށެވެ. އަދި އިސްރާއީލާއި ޞިހްޔޫނީ މީޑިޔާގެ ސަބަބުން އެއީ ޔަހޫދީންގެ ބިމެއް ކަމުގައި ސާބިތުކޮށްދޭން މަސައްކަތް ކުރިޔަސް އެއީ ހަމަ ފަލަސްޠީނު މީހުންގެ ބިމެއް ކަމުގައެވެ.



