ރާއްޖޭގައި ކޮންޓްރޯލް ކުރެވުމެއްނެތި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން 39 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ކޮވިޑުގައި މިއަދު އިތުރު މީހަކު ނިޔާވެފައިވާކަން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ހާމަކޮށްފައިވާއިރު، ވިދާޅުވީ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.
އެ އަންހެންމީހާ ނިޔާވެފައިވަނީ މިރޭ 08:25 ގައި ކަމަށާއި މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 123 ވަނަ މީހާކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
މިއީ މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި ތިން ވަނަ މީހާއެވެ. މިއަދު ނިޔާވެފައިވާ ތިން މީހުންނަކީވެސް ދިވެހިންނެވެ. އަދި މި ބަލީގައި ނިޔާވި ދިވެހިންގެ އަދަދު މިހާރު ވަނީ 108 އަށް އަރާފައެވެ.
Today at 08:25 pm a 39-year-old Maldivian female admitted at HMF has passed away
This is the 123rd COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant her soul eternal peace in heaven
— Health Protection Agency (@HPA_MV) May 22, 2021
މިއަދު ނިޔާވި އަނެއް ދެ މީހުންނަކީވެސް ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހުންނެވެ. އެގޮތުން މިއަދު ފުރަތަމަ ނިޔާވެފައިވަނީ އުުމުރުން 48 އަހަރުގެ ދިވެހި ފިރެހެނެކެވެ. އަދި އޭގެ ފަހުން ނިޔާވެފައިވަނީވެސް ދިވެހި ފިރިހެނެކެވެ. އޭނާގެ އުމުރަކީ 59 އަހަރެވެ.
މި ބަލީގައި އެންމެ ގިނަ މީހުން ނިޔާވީ މިހިނގާ މެއި މަހުއެވެ. މިމަހު މިހާތަނަށް ކޮވިޑްގައި 41 މީހަކު ރާއްޖެއިންވަނީ ނިޔާވެފައެވެ.




