ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އިތުރު ދެ ދިވެހިން ނިޔާވެއްޖެ

ކޮވިޑް-19 ބަލީގައި ރާއްޖެއިން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 89 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހެނދުނު 07:40 ގައި ނިޔާވެފައިވާކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މިއަދު ނިޔާވެ ދެވަނަ މީހާއެވެ. މީގެ ކުރިން މިއަދު މީހަކު ނިޔާވެފައިވަނީ، ރޭ ދަންވަރު 01:01 ގައެވެ. މިއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 89 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެއިން މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 144 އަށް އަރާއިރު، މި މަހު މިހާތަނަށް 82 މީހަކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައިވެއެވެ.

24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިހާތަނަށް މި ބަލީގައި އެންމެ ގިނައިން މީހުން މަރުވެފައި ވަނީ އިއްޔެއެވެ. އެގޮތުން 13 މީހަކު މި ބަލީގައި އިއްޔެ ދުނިޔެ ދޫކޮށްފައިވެއެވެ.

ރާއްޖެއިން ކޮވިޑް ބަލި ކޮންޓްރޯލެއްނެތި އިތުރުވަމުންދާތީވެ، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން މާދަމައިން ފެށިގެން މި ފިޔަވަޅުތައް ތަންފީޒުކުރަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި ހަވިރު 04:00 އިން ހެނދުނު 08:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި ކާފިއު ނޫން ގަޑި ތަކުގައި ބޭރުގައި އުޅެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހާއްސަ ފާހަކާއެކުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ