ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޮޑު ދިޔައިގައި އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށާއި، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ.
"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް." ފާއިތުވި ދެ ދުވަހުވެސް މާލެއާއި އުތުރުގެ ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރާފައި ވަނިކޮށް މިއަދު މެޓް އޮފީހުން ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރުގެ މޫސުން ރަނގަޅު ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރަފައެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 02:15 އާއި ހަމައަށެވެ.
White Alert for heavy rain with thunderstorms. pic.twitter.com/CdZUZOOXt8
— Maldives Meteorology (@MetMaldives) June 16, 2019
"ރާއްޖޭގެ ދެކުނާއި މެދުތެެރޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ. ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.




