ރާއްޖޭގެ އޮންލައިން މޯބައިލް އެޕްލިކޭޝަން "ފަސޭހަ ރިޗާޖު" އިން ފަލަސްތީނަށް އެހީވުމަށްޓަކައި ކުރިއަށްގެންދިޔަ ހާއްސަ އިވެންޓުން ލިބުނު ބައިލައްކައަށްވުރެ ގިނަ ރުފިޔާގެ ފައިސާ އެހީ ރާއްޖޭގެ ނަން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި ހަވާލުކޮށްފިއެވެ.
ފަސޭހަ ރިޗާޖުން މި މަހުގެ 25 ވަނަ ދުވަހު ހިންގި މި ހާއްސަ އިވެންޓުން ލިބުނު ފައިސާ އާއި މެނޭޖްމެންޓޫން ދޭ އެހީއާއެކު ޖުމްލަ 50،350.00 (ފަންސާސް ހާސް، ތިންސަތޭކަ ފަންސާސް) ރުފިޔާ މިއަދު ވަނީ އައިއޭސީ އާއި ހަވާލުކޮށްފައެވެ.
ފަސޭހަ ރިޗާޖުން ފަލަސްތީނުގެ ހައްޤުގައި ހިންގި މި ހާއްސަ އިވެންޓުގައި، އިއްޔެ ކަސްޓަމަރުން ކުރެއްވެވި ރާސްޓަސް، ރީލޯޑު، ޑޭޓާ ޕެކޭޖުގެ އަދި މީގެ އިތުރުން ދެއްކެވި ދިރާގު ބިލްގެ ފައިދާގެ 100% އިންސައްތަ ފަލަސްތީން އަށް ވަނީ ހަދިޔާކޮށްފައެވެ.

ފަސޭހަ ރިޗާޖުގެ ފައުންޑަރ އަލީ އުވައިސް ބުނީ، މި އިވެންޓަށް ކަސްޓަމަރުންގެ ފަރާތުން އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. އެގޮތުން ފަލަސްތީނުގެ ހައްޤުގައި އެއް ދުވަސްތެރޭގައި ކަސްޓަމަރުން ދިން މި ތަރުހީބު ފާހަގަކޮށް، އަލީ އުވައިސް ވަނީ ފަސޭހަ ރިޗާޖް ބޭނުންކުރައްވާ ހުރިހާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
2017 ވަނަ އަހަރު ވުޖޫދަށް އައި ފަސޭހަ ރިޗާޖު އެޕްލިކޭޝަނަކީ، ހިދުމަތްދޭން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ތަރުހީބާއި އިތުބާރު ވަރަށް ބޮޑަށް ލިބިފައިވާ އެޕްލިކޭޝަނެއްކަން ފާހަގަކޮށްލަން ޖެހެއެވެ.




