ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން ކަށަވަރުކޮށްދީފައިވާއިރު ބުނީ ނައިބު ރައީސް މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެންކަމަށާއި އަދި އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުކަމަށެވެ.
ނައިބު ރައީސް ޕޮޒިޓިވްވިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒުވެސް ޓުވީޓް ކުރައްވާފައެވެ. އަދި މި ޓްވީޓުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.
ނައިބު ރައީސް ފައިސަލް ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖައްސަވައިގެންނެވެ.
VP @FaisalNasym has today tested positive for #COVID19
He is in good health, and in isolation.
May Allah grant him a speedy recovery.
— Mabrook Azeez (@MvSpokesperson) May 26, 2021
ރާއްޖެއިން ކޮވިޑް ބަލި ކޮންޓްރޯލެއްނެތި އިތުރުވަމުންދާތީވެ، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން މިއަދުން ފެށިގެން މި ފިޔަވަޅުތައް ތަންފީޒުކުރަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި ހަވިރު 04:00 އިން ހެނދުނު 08:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި ކާފިއު ނޫން ގަޑި ތަކުގައި ބޭރުގައި އުޅެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހާއްސަ ފާހަކާއެކުއެވެ.




