ހއ. އިހަވަންދޫގައި ކަރަންޓީނު އުސޫލާއި ހިލާފުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އިހަވަންދޫ ކައުންސިލުން ވިދާޅުވީ، ހޯމްކަރަންޓީންގައިހުރި ފަރާތެއް، ހޯމް ކަރަންޓީންގެ އުސޫލުތަކާއި ހިލާފަށް އަމަލުކޮށް ގިނަ ބަޔަކާއި ބައްދަލުވެފައިވާ ކަމަށާއި އެގޮތުން މިއަދު ހުކުރު ނަމާދަށް ވެސް ގޮސްފައިވާ ކަމަށެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މީހާއަކީ ކަރަންޓީނުގެ އުސޫލާއި ހިލާފުވުމުގެ ސަބަބުން އެއްފަހަރު ޖޫރިމަނާ ކޮށްފައިވާ ފަރާތެކެވެ. ޖޫރިމަނާ ކުރިނަމަވެސް ފަހުން މާފުދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މީހާއާއި ކޮންޓެކްޓް ވެފައިވާ ފަރާތްތައް ހޯދައި އައިސޮލޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ރަށުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވިއެވެ.
އެގޮތުން ޒަރޫރީ ބޭނުމެއްނެތި އެއްވެސް ފަރާތަކުން ގެއިން ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި ގެއިންބޭރަށް ނިކުމެއުޅޭ ހުރިހައި ހާލަތެއްގައި މާސްކް އެޅުމާއި ކުޅިވަރުގެ ހަރަކާތްތައް މެދު ކަނޑާލުން ހިމެނެއެވެ.
އޭގެ އިތުރުން އާއްމު އިޖްތިމާއި ސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކުން ގައިދުރުކަން ބެހެއްޓުމާއި ގުރޫޕް ހަދައިގެން ތަންތަނަށް އެއްވެ އުޅުން މަނާކުރުމާއި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާފަރާތްތަކާއި، ހައި ރިސްކު ބޭފުޅުން މިސްކިތަށް ދިއުމުގެ ބަދަލުގައި ގޭގައި ނަމާދުކުރަން އިސްކަން ދިނުމާއި އަދި ސައި ހޮޓާ އަދި ފިހާރަތަކުގައި އެޗް.ޕީ.އޭ ގައިޑްލައިންއާ އެއްގޮތަށް ތަނުގެ އިންތިޒާމްތައް ހަމަޖެއްސުން ހިމެނެއެވެ.
އިހަވަންދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ މިކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި، އަދި ބަލަންޖެހޭ އިތުރު ބެލުންތައް ބެލުމަށްފަހު، އިތުރު ފިޔަވަޅުތައް އެޅުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ.




