މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު މިރެޔަށް އިތުރުކޮށްފިއެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް މިއަދު މެންދުރު 14:15 އިން ހަވީރު 18:15 އަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ދާދި ދެންމެ ވަނީ މިއެލާޓްގެ ވަގުތު މިރޭ 10:00 އާއި ހަމައަށް އިތުރުކޮށްފައެވެ.
އެގޮތުން މެޓް އޮފީހުން ވިދާޅުވީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް މިއަދު ހަވީރު 6:15 އިން ފެށިގެން މިރޭ 10:00 އާއި ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވެ އުދަ އަރާނެކަމަށް ލަފާކޮށްފައެވެ.
Alert Yellow extended pic.twitter.com/VBqUri4cdq
— Maldives Meteorology (@MetMaldives) May 28, 2021
މި ދުވަސް ވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމާ ބެހޭ އެލާޓްތައް ނެރެމުންނެވެ.
އެގޮތުން މެޓޮ އޮފީހުން ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށްވެސް މިއަދު ހަވީރު 6:15 އިން ފެށިގެން މިރޭ 11:00 އާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
އެގޮތުން މި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މިސަރަހައްދަށްވެސް ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ވަނީ މެޓް އޮފީހުން ލަފާކޮށްފައެވެ.




