ރާއްޖެއަށް މިއަދު ކުރި ވިއްސާރައިގައި 4 ރަށަކަށް އުދައަރާފައިވާކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން ވިދާޅުވެފައި ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވަނީ ވައިބާރުވެ ކަނޑު ގަދަވެފާކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ ރަށްތަކަށް ބައެއް ވަގުތުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދައެރުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރެވިފައިވާ ކަމުގައި އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް މިއަދު ކުރި ވިއްސާރައިގައި ރ. މަޑުއްވަރީއަށް ވަނީ އުދައިގެ އަސަރު ކޮށްފައެވެ. އަދި ކ. ތުލުސްދޫއަށް އުދަ އަރާ މީހުން ދިރިއުޅޭ ބައެއް ގެތަކަށްވެސް ވަނީ އުދައިގެ އަސަރު ކޮށްފައެވެ. އެގޮތުން ތުލުސްދޫއިން މީހުން ދިރިއުޅޭ 5 ގެއަކަށް ލޮނުގެ އަސަރުކޮށްފައިވާއިރު، ކައުންސިލާއި، ރަށު ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖަހައި ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މީގެ އިތުރުން މިއަދުގެ ވިއްސާރައިގައި ކ. ދިއްފުއްޓަށްވެސް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ. އެގޮތުން އެރަށުގެ ސްކޫލް ފަދަ އިމާރާތްތަކާއި ވަރަށް ގިނަ ގެތަކަށް ލޮނުގެ އަސަރުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެފައިވެއެވެ. ދިއްފުއްޓަށް އުދައިގެ އެރުމާއި ގުޅިގެން ކައުންސިލާއި، ރަށު ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖަހައި ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ.
މ. މަޑުއްވަރީއަށްވެސް މިއަދު ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ. އެރަށަށް އުދައެރުމާއި ގުޅިގެން ކައުންސިލާއި ރަށު ރައްޔިތުން ގުޅިގެން ވެލި ބަސްތާ ޖަހައި ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މި ދުވަސް ވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން އުދައިގެ އަސަރު ކުރާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކިސަރަހައްދުތަކަށް މޫސުމާ ބެހޭ އެލާޓްތައްވެސް ނެރެފައެވެ.
މިއަދު މެންދުރު ފަހުން ފެށިގެން މިރޭ 10:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މީގެ އިތުރުން ދެކުނަށް ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.




