ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވީ މީހުންގެ އަދަދު ހާހަކަށްވުރެ ދައްވެއްޖެ

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 901 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭ ކޮވިޑް-19 އަށް 4،821 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.

ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 468 މީހުން، އަތޮޅުތެރޭ ރައްތަކުން 417 މީހުން، ރިސޯޓުތަކުން 11 މީހުން، ތަރައްގީ ކުރަމުން އަންނަ ރައްތަކުން ހަތަރުމީހުން، އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން އެކަކެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު ހާހަކަށްވުރެ ދައްވެފައި މިވަނީ ގިނަ ދުވަސްތަކަކަށްފަހުއެވެ. މިގޮތުން އެންމެފަހުން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު ހާހަކަށްވުރެ ދައްވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ކޮވިޑް-19ގެ ކޭސްތައް ހާހަކަށްވުރެ ދައްވެފައި މިވަނީ ކޮވިޑް-19ގެ ކޭސްތައްމީންދުވަހަކު މައްޗަށް ނުދާމިންވަރަށް މައްޗަށް ދިއުމާއި ގުޅިގެން ކޭސްތައް ދައްކުރުމަށް މުޅި ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައި ވަނިކޮށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 61،844 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 36،862 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 24،818 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 252 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ