ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިންތިހާއަށް އިތުރުވެ އެނދުމަތިކޮށްގެން ކޮވިޑް ފެސިލިޓީތަކުގައި ފަރުވާދޭ މީހުންގެ އަދަދުތައްވެސް އިތުރުވުމާއި ގުޅިގެން ވޮލެންޓިއަރުން ހޯދުމަށް ކުރި އިއުލާނަށް 1،000 ވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވިދާޅުވީ، އެ އެޖެންސީގެ ގޮވާލުމަށް އިޖާބަދިން ދަރުމައަށް މަސައްކަތްކުރާ އެތައްސަތޭކަ މީހުންނަށް ނިހާޔަތަށް ޝުކުރުވެރިވާ ކަމަށެވެ. މިހާތަނަށް 1،000 ވުރެ ގިނަ މީހުން ވޮލެންޓިއަރުންނަށްވުމަށް ހުށަހަޅާފައިވާ ކަމަށެވެ.
"1،000 ވުރެ ގިނަ މީހުންވަނީ ވޮލެންޓިއަރުންނަށް ވުމަށް އެދިފައި، މިވަގުތު މިދަނީ ވޮލެންޓިއަރުންގެ ލިސްޓް އެކުލަވާލަމުން، އަދި މިވަގުތައްވަނީ ވޮލެންޓިއަރުން ނެގުން ވަގުތީގޮތުން މެދުކަނޑާލައިފައި"
We are extremely grateful for the hundreds of selfless people who responded to our call for volunteers.
We have received over a 1000 submissions and are processing the list. Submissions have been temporarily halted.
Thank you for your tremendous support. #EkugaiEmmen
— Health Protection Agency (@HPA_MV) May 28, 2021
ދިވެހިންނަކީ މީގެކުރިންވެސް ގައުމަށް ދިމާވާ މިފަދަ ބޮޑެތި ކަންކަމުގައި އަހުވަންތަކަން ދައްކުވައިދީފައިވާ ނަމޫނާ ބަޔެކެވެ. މިގޮތުން ސުނާމީގެ ކާރިސާގައާއި އަދި މި ނޫންވެސް ގިނަ ކާރިސާތަކުގައި ދިވެހިންވަނީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކައި ދީފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 61،844 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 36،862 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 24،818 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 252 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.
ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާދެމުން އައްނަނީ މިބަލީގައި ބޮޑުވަރުވާ އަދި ނުރައްކާ ސްޓޭޖުގައިވާ ފަރާތްތަކަށެވެ. މި ފަރާތްތަކަށް ހިދުމަތް ދިނުމަށް ސިއްހީ އެހީތެރިން މަދުވުމުގެ ސަބަބުން މިފަހުންވަނީ ނަރުސްކަން ކިޔަވާ ދަރިވަރުންވެސް މަސައްކަތުގެ ދާއިރާއަށް ނެރެފައެވެ.




