ގާނޫނުލްއުގޫބާތަށް ގެންނަށް ހުށައަޅާފައިވާ އިސްލާހާއި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ އިސްލާމްދީނާ ދެކޮޅު މީހެކޭ ބުނުމުން ކުށަކަށް ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވެފައިވަނީ، މަރުގެ އިންޒާރުތައް ދެމުންދަނީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، އަދި އެފަދަ ކަމެއްގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށައެޅުމާއި ގުޅިގެންނެވެ.
އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިބިލު މިހާރު ޑްރާފްޓްކޮށްފައި އޮތްގޮތަށް ފާސްކުރުމަށް ތާއީދުނުކުރެވޭނެ ކަމަށާއި މިބިލު އޮތްގޮތުން ކަންކަން ވަރަށް ފުޅާކޮށް މާނަކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ބިލް މިހާރު އޮތްގޮތަށް ފާސްވެއްޖެނަމަ ނަތަންޔާހޫއަކީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ބުނުންވެސް ކުށަކަށް ވެދާނެ ކަމަށް ވިދާޅުވިއެވެ.
މި އިސްލާހުގައި ބުނެފައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ވާނެކަމަށެވެ.
ގާނޫނުލްއުގޫބާތުގައި ވާގޮތުން ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށް އެންމެބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
އޭގެ އިތުރުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފައެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފައިވާއިރު، ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
އަދި މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.




