ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކު ވަޅުލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ | ފޮޓޯ: އެމްއެންޑީއެފް

ކޮވިޑް-19: އިތުރު ދެ މީހުން ނިޔާވެ، މިއަދުގެ ޖުމުލަ 8 ކަށް!

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު އިތުރު ދެމީހުން ނިޔާވެ، މިއަދު ނިޔާވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ.

މިއަދު ފަހުން ނިޔާވެފައިވަނީ ދެ އަންހެނުންނެވެ. އެގޮތުން އެކަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކޮވިޑަށް ހާއްސަކޮށް ހަދާފައިވާ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 42 އަހަރުގެ އަންހެނެކެވެ. އަދި ދެވަނަ މީހަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 83 އަހަރުގެ އަންހެނެކެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މިއަދު ވަނީ 5 މީހަކު ނިޔާވެފައެވެ. މީގެ އިތުރުން ދެން މި ބަލީގައި މިއަދު ނިޔާވެފައި ވަނީ ބ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުން އައި މީހަކާއި، އައިޖީއެމްއެޗްއަށް ގެންދިޔަ މީހެއްގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައި ނިޔާވި މީހެކެވެ.

އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ މިހާރުވަނީ ވަނީ 169 އަށް އަރާފައެވެ.

ބަލީގައި އިއްޔެ ވެސް ރާއްޖެއިން ތިން މީހަކު ނިޔާވެފައިވާއިރު، ހުސްވި މެއި މަހަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން ނިޔާވި މަހެވެ. އެގޮތުން މެއި މަހު އެކަނި ވެސް 88 މީހަކު ކޮވިޑުގައި ނިޔާވެފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 74 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ