ޕޮޓޯ: ސަން

ކޮވިޑް މެނޭޖްކުރަން ފެއިލްވެފައިވާތީ ހެލްތް މިނިސްޓަރު އިސްތިއުފާ ދެއްވާ: އިދިކޮޅު

ފުރާނައެއް ވަކިވެގެން ދިއުމުން މަޢާފަށް އެދި ނިންމާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އިދިކޮޅު

ހެލްތް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް ވަކިވަމުންދާތީ ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޢުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދު ނިޔާވި ޚަބަރު މިކޯލިޝަނުން އެހީ ފުން ހިތާމަޔާއެކުގައި ކަމަށާއި އެ މަރްޙޫމާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާކުރާ ކަމަށެވެ.

ކޯވިޑް19 މެނޭޖުކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތް މިނިސްޓްރީއާއި އެ ވުޒާރާގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް މިދުނިޔެއާއި ވަކިވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ފުރާނައެއް ވަކިވެގެން ދިއުމުން މަޢާފަށް އެދި ނިންމާލުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ވިދާޅުވިއެވެ.

"މިފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަޙްޤީޤުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް މިކޯލިޝަނުން ހަރުއަޑުން ގޮވާލަން. ކޯވިޑް19އަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައިވާއިރު، މިފައިސާ މިވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހޭދަކުރެވިފައި ނުވޭ. ކޯވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ޙާލަތަށް ރިޢާޔަތްކޮށް ޤާއިމްކުރެވިފައި ނުވޭ. ނަމަވެސް މިހާތަނަށްވެސް ސަރުކާރުން ބުނެފައިވަނީ މުޅި ސަރުކާރުންވެސް މިކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް." އިދިކޮޅުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އިތުރަށް ވިދާޅުވީ، ކޯލިޝަނުން ޤަބޫލުކުރަނީ ހެލްތް މިނިސްޓްރީއާއި މުޅިސަރުކާރު މިހާރު މިކަމުގައި ފެއިލްވެފައިވާ ކަމަށާއި ކޮވިޑް މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލާ ކަމަށެވެ. އަދި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ކޯލިޝަނުން ގޮޮވާލާ ކަމަސް ވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ