ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް 2021 މެއި 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިޔަށް ގެންދާ އިންކުއަރީއަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގަވާ އިންކުއަރީއަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ފުރިހަމަޔަށް އެއްބާރުލުންދީ އަދި މަޢުލޫމާތު ޙިއްސާކުރަމުން ގެންދާނެ ކަމަށެވެ.
މި ބަޔާނުގައި ވިދާޅުވީ ޤާނޫނު އަސާސީގައި ކޮންމެ މީހަކަށްމެ އަދި ކޮންމެ މުއައްސަސާއަކަށްމެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ ކޮމިޓީއެއްގެ ސަބް ކޮމިޓީއަކަށް ހާޒިރުވެ ހެކިބަސްދިނުމަށާއި، މަޖިލީހުން ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގިދާނެކަމުގައި ބަޔާންކޮށްފައިވާކަމަށާއި، އަދި ކޮންމެ މީހަކާއި ނުވަތަ ކޮންމެ މުއްސަސާއަކާ ރައްޔިތުންގެ މަޖިލީހުން ކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް ނުވަތަ އެ މުއައްސަސާއަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދާރީވާންޖެހޭނެކަމަށެވެ.
ނަމަވެސް، ސަލާމަތީ ކޮންމެ ޚިދުމަތެއްމެ ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންކަމަށާއި، އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ކޮންމެ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންވާނެ ކަމުގައި ޤާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު، ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކޮށް ޖަވާބު ދާރީ ނުކުރެވޭނެކަމަށް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
ސިފައިންގެ ޤާނޫނުގައި ބަޔާން ކޮށްފައި ވަނީ ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާގޮތާ
މެދުގައާއި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު، ސިފައިންގެ އެންމެމަތީ ވެރިޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެ ކަމަށެވެ.
މި ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ސިފައިންނަކީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުޢާމަލާތު ކުރުމުގެ އިޚްތިޔާރު ލިބިފައި ނުވާ ބައެއްކަމަށް ސިފައިންގެ ޢާންމު
ޤަވާޢިދުގައި ބަޔާންކޮށްފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ، އެމަޢުލޫމާތެއް އެ މުއައްސަސާއިން ފޯރުކޮށްދޭނެ ކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.



