އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޭސްބުކުން "ބޭން" ކުރި ކުރުން އެންމެ މަދުވެގެން ދެ އަހަރުގެ މުއްދަތަކަށް ދެމި އޮންނާނެކަމަށް ފޭސްބުކް އިން އިއުލާންކޮށްފިއެވެ.
ފޭސްބުކްގެ އިތުރުން، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އިންސްޓަގްރަމް އިން ވެސް ޓްރަމްޕް ވަނީ ބޭންކޮށްފައެވެ. މި ބޭންގެ މުއްދަތު ގުންނަ ފަށާނީ، ސަސްޕެންޑް ކުރި ތާރީހް، މިއަހަރުގެ ޖެނުވަރީ 7ން ފެށިގެންނެވެ.
ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން އެމެރިކާގެ ކޮންގްރެސް އިމާރާތަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ކުރިމަތިލުމުގެ ތެރޭގައި ފަސް މީހަކު މަރުވި ހާދިސާއަށް ފަހުއެވެ. އޭގެ ތެރޭގައި ކެޕިޓޮލް ފުލުސް އޮފިސަރަކުވެސް ހިމެނެއެވެ.
މި ހަމަލާއަށް ބާރުދީ ޓްރަމްޕަ ވަނީ ފޭސްބުކްގައި ވީޑީއޯ ހިއްސާކޮށްފައެވެ. އެގޮތުން ސަޕޯޓަރުންނަށް، ވަރަށް ލޯބިވާ ކަމަށާއި ތިއީ ވަރަށް ހާއްސަ ބައެއް ކަމަށް ބުނެ މި ވީޑިއޯ އެއް ޓްރަމް ވަނީ ފޭސްބުކްގައި ޕޯސްޓްކޮށްފައެވެ.
ފޭސްބުކް އިން ވަނީ ޓްރަމްޕްގެ މި އަމަލަކީ ޕަބްލިކް އަށް ހުރި ސީރިއަސް ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި އޭޏަގެ އެކައުންޓް ބޭން ކޮށްފައެވެ. އަދި ކުރިއަށް އޮތްތާގައިވެސް އެ ނުރައްކާ އޭނަގެ ފަރާތުން އޮތްނަމަ އެކައުންޓް ސަސްޕެންޝަން ދިގު ކުރާނެ ކަމަށް ފޭސްބުކް އިން ވަނީ އިއުލާންކޮށްފައެވެ.