ދެކުނު ކޮރެއާގައި ބަހެއްގެ މައްޗަށް ފަސްބުރީގެ އިމާރާތެއް ވެއްޓި ނުވަމީހުން މަރުވެއްޖެއެވެ.
ދެކުނު ކޮރެއާގެ ވަންގްޖޫ ސިޓީގައި ހިނގި މިހާދިސާގައި ނުވަމީހުން މަރުވުމުގެ އިތުރުން އަށްމީހަކަށްވަނީ އެކިވަރުގެ އަނިޔާތައްވެސް ލިބިފައެވެ.
ނޭޝަނަލް ފަޔާ އެޖެންސީއާއި ހަވާލާދީ ޚަބަރުފަތުރާ އިދާރާތަކުން މައުލޫމާތުދޭގޮތުގައި އިމާރާތް ވެއްޓިފައިވަނީ އިމާރާތް ކައިރީ މަޑުކޮށްގެން އޮތް ބަހުގެ މައްޗަށެވެ. ބަހުގައި 17 މީހުން ތިބިކަމަށްވެސް މައުލޫމާތު ދެއެވެ.

އިމާރާތް ވެއްޓެން ދިމާވި ސަބަބު އަދި ހޯދިފައި ނުވާއިރު އިމާރާތުގެ ދަށުގައި އެއްވެސް މީހަކު ވޭތޯ ބެލުމުގެ މަސައްކަތް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އައްނަނީ ކުރަމުންނެވެ.
މީގެކުރިންވެސް ދެކުނު ކޮރެއާގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގައިފައި ވެއެވެ. މިގޮތުން 1995 ވަނަ އަހަރު ހިނގި މިފަދަ ހާދިސާއެއްގައި 500 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.



